Advertisement
ad

ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

2026-01-25 16:37 0 ކޮމެންޓް
Admin User
ހިޔާގެ 8 ޓަވަރެއްގައި ލިފްޓް ހަރުކޮށް ބޭނުންކުރަން ފަށައިފި

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް ހިންގާ މަޝްރޫއުގައި މިހާތަނަށް އަށް ޓަވަރެއްގައި ލިފްޓް އިތުރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

Advertisement
ad

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރަމުން އެޗްޑީސީން ބުނީ މިހާތަނަށް އަށް ޓަވަރެއްގައި ލިފްޓް އިތުރު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއީ އެޗް1 އިން ފެށިގެން އެޗް8 އާ ހަމައަށެވެ. 

އެ ލިފްޓްތައް އާންމުން ބޭނުން ކުރުމަށް ވެސް ވަނީ ހުޅުވާލައިފަ އެެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތްދާ ގޮތް: 

- އެޗް14 އާއި އެޗް15 އަދި އެޗް16 ގައި މިވަގުތު ކުރިއަށް ދަނީ ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް. 

- އެޗް9 އަކާއި އެޗް10 އަދި އެޗް11 އާއި އެޗް12 ގައި ކުރިއަށް ދަނީ ކްލޭޑިން އާއި ފްރޭމް ހަރުކުރުމުގެ މަސައްކަތްތައް. 

- އެޗް11 އާއި އެޗް12 ގައި ކުރިއަށް ދަނީ ފްރޭމް ފެބްރިކޭޝަންގެ މަސައްކަތް. 

- އެޗް16 ގައި ޕްލެޓްފޯމްގެ މަސައްކަތްތައް ކުރިއަށް އެބަދޭ. 

އެޗްޑީސީން ބުނި ގޮތުގައި ލިފްޓް ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ލިބިފަ އެވެ. 

އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެ އެވެ.

ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ 2024 ގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.

އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތިވާތީ މީހުންގެ ޝަކުވާ ވަރަށް ބޮޑެ

އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާ ފްލެޓްގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad