Advertisement
ad

ދިރާސީ އަހަރު ފެށެންވާއިރަށް 4،000 ފްލެޓްގެ ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ: ރައީސް

2025-11-27 12:18 0 ކޮމެންޓް
Admin User
ދިރާސީ އަހަރު ފެށެންވާއިރަށް 4،000 ފްލެޓްގެ ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ: ރައީސް

އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވެން ވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރަަކަށް މީހުންނަށް ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
ad


އެމަނިކުފާނު މިފަދައިން ވިދާޅުވީ މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލުކުރައްވަން މިރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައިި ރައްޔިތުން ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކުގެ ސުވާލު އަމާޒުކޮށްފައިވަނީ މާލޭ ސަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ.

ބައްދަލުކުރެއްވުމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަން ތަކުރާރު ކުރަށްވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންމަ މަހުގެ ނިޔަލަށް ފޭސް 3 ހިއްކާ ނިންމޭނެ ކަމަށާއި 2026 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ގިރާވަރު ހިއްކާ ނިމޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރަކަށް އަންނަ ދިރަސީ އަހަރު ފެށެންވާއިރަށް މީހުންނަށް ވަދެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ފްލެޓްތަކުގެ ތަންތަން ނިމެމުންދާ ކަމަށާއި، އެފްޑީސީން މިހާރު ކުރިއަށްގެންދަަނީ ކަރަންޓާއި އެ ނޫންވެސް ހިދުމަތްތައް ފްލެޓްތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކަަމަށެވެ. ރައީސް ވިދާޅުވީ މިތަންތަނުގައިވެސް އަތް ނުލާ ކަމަށާއި، ވައުދުވެވަޑައިގެންނެވީ އޮތް ލިސްޓަށް ކުރިއަށް ގެންދަން ކަމަށެވެ. ވައުދުގައި އޮތް ކަމެއް ހިލާފުވާން ބޭނުންނުވާތީ އޮތް ލިސްޓަށް ދީ ނިންމަނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރީގައި އުތުރު ތިލަފަލުން ހިއްކެން އޮތް ބައި ހިއްކާ ނިންމޭނެ ކަމަށާއި އެތަނުން ވެސް ވަރަށް އަވަހަށް ބިން ދޫކުރާނެ ކަމަށެވެ.

ޖުމްލަ ގޮތެއްގައި މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad