Advertisement
ad

ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟

2026-07-03 04:55 0 ކޮމެންޓް
މުހައްމަދު
ދަރިފުޅު ސުކޫލަށް ނުދަނީ ކީއްވެ؟


Advertisement
ad


"މިއަދު މިސް ގުޅާފަ ބުނެފި ދަރިފުޅު ސުކޫލަށް ނާންނާތީ ޕޭރަންޓް އަންނާށޭ 4 ޖަހާއިރު ސުކޫލަށް މީޓްކޮށްލަން މިސްއާ ލީޑިން ޓީޗަރާ"

ޖަވާބުގައި އަހަރެން ބުނީ "މީޓްކުރެވިއްޖެ އެކި ފަހަރު މަތިން. ހައްލެއް ލިބޭ ގޮތެއް ނުވޭ. އެކަމަކުވެސް މީޓިން އަކަށް ކިޔާފަ އޮތީމާ ދާންވާނެ"

ޓީޗަރުންގެ ވާހަކައިން އިހުސާސްކުރެވުނީ ދަރިފުޅު ސުކޫލަށް ގެނައުމަށް އެމީހުން ބޭނުންވެފައި ތިބިކަން. ދަރިވަރުގެ އެޓެންޑެންސް މައުލޫމާތު ކޮންމެ މަހެއް ވަކިވަކިން ކިޔައިދިނުމަށްފަހު ކުރި ސުވާލަކީ "ދަރިވަރު ގަވައިދުން ސުކޫލަށް ނާންނަނީ ކީއްވެ؟" ޖަވާބުގައި "ދަރިވަރު ސުކޫލަށް ފޮނުވަން ކިތަންމެހާވެސް ބޭނުންވޭ. ދަރިވަރު ސުކޫލަށް ނާންނަން ބޭނުންވާ ސަބަބު ދަރިވަރުކިޔައިދޭ." ދަރިފުޅު އެބަ ބުނޭ ދިވެހި މިސް އެހެން ކުދިންނާ ދިމާލަށް މާ އަޑުހަރުކޮށް ވާހަކަ ދައްކަނީއޭ.


އެކަން ހިނގުމުގެ ކުރިން ކޮންމެވެސް ވަރަކަށް ދަރިފުޅު ސުކޫލަށް ދިޔަ. ނަމަވެސް އަނެއްކާވެސް ދާން ބޭނުމެއް ނުވޭ. އަހަރެމެން ދޮށީ މީހުން ގަބޫލުކުރަންޖެހޭ ބާރަށް ހަރު އަޑުން ވާހަކަދެއްކީމާ އަހަރެމެން ޖެހިލުމެއް ނުވިޔަސް ކުޑަކުދިން ޖެހިލުންވެދާނެކަން. ކުޑަކުދިންނަށް އެންމެ މުހިންމުވަނީ ރައްކާތެރި މާހައުލެއް. ކުދިންނަށް ނަފްސާނީ އަސަރުކޮށްފާނެ އަމަލުތައް މުދައްރިސުންގެ ކިބައިން ފެނުމަކީ ސުކޫލު މާހައުލަކީ ރައްކާތެރި މާހައުލެއް ނޫންކަމުގެ އިހުސާސް ކުދިންނަށްވާނެ ކަމެއް. އެކަން ޓީޗިން ހަދާފަ ތިބޭ މީހުންނަށް އެނގި ޕްރެކްޓިސްވެސް ކުރަންޖެހޭނެ. ދަރިވަރު ސުކޫލަށް ނުދަނީ ބެލެނިވެރިންގެ ފަރާތުން ދިމާވާ ކަމަކުން ކަމަށް ސުކޫލުން ނުވަތަ ޓީޗަރުންދެކޭ. އަދި މުޅި ވާހަކަ ހުންނަނީވެސް އެ މޭރުމުން.


މި މައްސަލަ ދިމާވާ އަސްލު ސަބަބު ހޯދަން އެބަޖެހޭ. ޓީޗަރުން ތަމްރީނުކުރެވޭ ޑިގްރީފަދަ ޕްރޮގްރާމް ހިންގާ ތަންތަނުން ދަރިވަރުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭފަދަ މާހައުލެއް ގާއިމްކުރާނެ ގޮތް ކިޔައިދޭތޯ ނުވަތަ ކުދިންނަށް ރައްކާތެރި ނޫން ގޮތަކަށް އަމަލު ނުވަތަ ބަސްމަގު ބަހައްޓާތޯ ފާރަވެރިވާނެ ގޮތެއް އެކަށްއެޅިފައިވޭތޯ އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އަޅާ ފިޔަވަޅަކީ ކޮބައިތޯ؟

މައުޝޫއީ ގޮތުން މިފަހަރު ބޮޑަށް އަލިއަޅުވާލަން ބޭނުންވަނީ ސުކޫލު މާހައުލުގެ ތެރޭގައި ކަންކުރެވޭ ގޮތުގެ މައްޗަށް. ގޯސް މަގުން ހިނގާ މައިންބަފައިން އެމީހުންގެ ދަރިންނާމެދު އަޅާ ނުލާ މައްސަލައަކީވެސް އޮތް ކަމެއް. އެކަމަކު ހުރިހާ ހާލަތެއްގައި ބެލެނިވެރިންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ދަރިވަރު ސުކޫލަށް ނާންނަނީ ކަމަށް ވިސްނާ ވިސްނުންވެސް ބަދަލުކުރަންޖެހޭ. އެހެން ނޫނީ މައްސަލައިގެ ހައްލު ނުލިބޭނެ.


ސުކޫލުގައި ބާއްވާ އިންޓަރކްލާސް ފުޓްބޯޅަ މުބާރަތްތައް ހިނގާ ހިނދު، ސުކޫލުތަކުގެ އިދާރާއިން މާބޮޑު އަޅާލުމެއް ނުފެނޭ. މިހެން ބުނަން މިޖެހެނީ، ކޯޗުންނަށް ގެންނަ އެކަޑަމީތަކުގެ ކޯޗުން މެޗަށް އަރުވަނީ އެމީހުންގެ އެކަޑަމީއަށް ދާ ކުދިން. ވިޔަފާރި ފައިދާ އޮތް ގޮތަކީވެސް އެއީ. އެކަމުގެ ހައްލު ހޯދަންޖެހޭނީ ސުކޫލުގެ އިދާރާއިން.

އެންމެ ފަހުން ބޭއްވި މިފަދަ މުބާރާތަށް ދަރިފުޅު ޕްރެކްޓިސްއަށް ދިޔަ ގަވައިދުން. ވަރަށް ކުރާ ހިތުން ވަރަށް ހިތްވަރާއެކު ކުރި. އެކަމަކު މެޗަށް ނާރުވާ. މެޗަށް އަރުވަނީ މޮޅުކަމަށް ކޯޗަށް ފެންނަކުދިން. ޓީޗަރުވެސް ބޭނުންވަނީ އެ ގޮތް. ޓީމު މޮޅުވާން ބޭނުންވަނީ. ޕްރިންސިޕަލްގެ ވިސްނުމަކީ މިފަދަ މުބާރާތްތައް ބާއްވަނީ ފުޓްބޯޅަ ހުނަރު އިތުރުކުރަންކަމަށް. އަހަރެން ދެކޭ ގޮތުގައި އެ ފަދަ ކަންކަންކުރަނީ އިޖުތިމާއީ ހުނަރު އިތުރުކުރުމަށް. މޮޅަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދޭން ބޭނުންވާ ނަމަ، އަހަރަކު އެއް ފަހަރު ކީއްކުރަން ބާއްވާ މުބާރާތެއް؟ އެއަށްވުރެ ގިނައިން މުބާރާތް ބާއްވަންވީނު.

ދަރިފުޅުގެ ޓީމް މޮޅުވެ ތަށި ލިބުނު. އެކަމަކު އުފަލެއް ނުވޭ. ދަރިފުޅުވެސް އުފަލެއް ނުވޭ. މިފަދަ ކިތަންމެ ކަމެއް ކޮންމެ ހަފްތާއަކުހެން ދަރިފުޅު ތަޖުރިބާކުރަންޖެހޭ. ދެން މަޖުބޫރުކޮށްގެން އެ ކުދިން ސުކޫލަށް ފޮނުވާނީ ކިހިނެއް؟ އެ ކުދިންގެ ސިކުނޑިއަށް އިތުރަށް ޕްރެޝަރުކޮށްގެން ވާނެ ވަކި މޮޅެއް އޮންނާނެ؟


ސުކޫލަށް ނުދާ ދަރިވަރުންގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީގެ ޑޭޓާބޭސްއަށް އެއްކުރާކަމުގެ ހަބަރު ލިބުމުން އަހަރެންގެ ޖަވާބަކީ، ޑޭޓާބޭސް ފުރެންދެން އެ މައުލޫމާތު އެޅިޔަސް، ހައްލުހޯދަން ނޫޅޭ ކަމަށް ވަންޏާ، ހައްލުނުލިބި އަހަރަކަށްފަހު އަހަރެއް ބޭކާރުވެ، ކުއްޖަކަށްފަހު ކުއްޖެއްގެ މުސްތަގުބަލް ހަލާކުވެގެން އެބަދެޔޭ.

ވޯލްޑްކަޕާ ދިމާކޮށް މި ބުނި މައުލޫމާތު އެއްކޮށް، މި ދުވަސްވަރު 8000 ކުދިން ސުކޫލަށް ނުދާކަމަށާއި، މިއީ ނުހަނު ހިތާމަކުރާ ކަމެއް ކަމުގައި އިސްވެރިއަކު ބުނެފި. އޭގެ ޖަވާބުގައި، ތަންކޮޅެއް ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރި ވެރިޔަކު، މިއީ ހާދަހާ ދެރަ ކަމެކޭ ލިޔެ ފޭސްބުކްގައި ލިޔެފި. އަހަރެން ހިތަށް އެރީ، ބަލަ ތިބޭފުޅުން ނޫންހޭ ތިޔަ ކަމެއް ރަނގަޅު ކުރަންތިބީ. ކީއްވެހޭ ރަނގަޅު ނުކޮށްތިބެ އެއީ ވަރަށް ދެރަ ކަމެކޭ ކިޔަނީ. އެއީ އަހަރެމެން ބެލެނިވެރިން ނުވަތަ މައިންބަފައިން އަމުދުން ދެރަވެ ހިތާމަކުރާ ކަމެކޭ. ގިނަ ކުދިން ފުޓްބޯޅަ ބަލަން ހޭލާ ތިބޭތީ ސުކޫލަށް ދާން ހޭނުލެވެނީ ކަމަށް ވެސް މި ވެރިން ބުނެފި.

މިހެން ހުއްޓާ ބެލެނިވެރިޔަކު ރައްދު ދީފި. މި ދުވަސްވަރު އިންތިހާއަށް ބަލި ފެތުރޭތީވެސް ގިނަ ކުދިންނަށް ސުކޫލަށް ނުދެވެއޭ ބުނެފި. އެއީ ތެދެއް. ބަލި ފެތުރޭތީ މި ދުވަސްކޮޅު މާސްކު އަޅަންވެސް ހެލްތު މިނިސްޓްރީއިން އެއޮތީ އަންގާފައި. މި މައުޝޫއު ކުރިފަޅަމުން ގޮސް، ބައެއް ޓީޗަރުން ސުކޫލަށް ހާޒިރުނުވާތީ ގަޑިތައް ކެންސަލްވެ ކުދިން ފޫހިވާ ވާހަކަވެސް ބެލެނިވެރިޔަކު ބުނެފި. އެހެން ބެލެނިވެރިޔަކު ބުނެފި، ޓީޗަރަކު ނެތުމުގެ ސަބަބުން ގްރޭޑް 10ގެ ދަރިވަރުންގެ ގިނަ މާއްދާ ނުކިޔަވައި ކުދިން ތިބެންޖެހެނީ ހުސްގަޑި ތަކުގައި ކަމަށްވެސް.

މީގެ ދެތިން ދުވަސް ކުރިން ބެލެނިވެރިޔަކު ބުނީ އޭނާގެ ދަރިފުޅަށް ތަންކޮޅެއް ލަހުން ޖަވާބު ދެވޭތީ، ހުރިހާ ކުދިންގެ ތެރޭގައި ގަސްތުގައި ހަމަ ޖަވާބުދިނުން ލަސްކުރަނީއޭ ބުނެ އަޑުލަވައިފިކަމަށް. އެކަހަލަ ކަންތައް ތަކުރާރުވުމުގެ ސަބަބުން ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ބުނި.


ދެން އޮތީ ކުރިން ބުނެވުނު، ޓީޗަރުން ތަމްރީނުކުރެވޭ ގޮތުގެ ވާހަކަ. މި ރާއްޖޭގައި ޔުނިވާސިޓީތައް އުފަންވީ ދާދި ފަހުން. އެއީ 2008 ވަނަ އަހަރު. އޭގެ ކުރިން މަތީ ތައުލީމެއް ނޯވޭ. ފޯކަސް ހުރީ އަސާސީ ތައުލީމް ފޯރުކޮށްދިނުމަށް. މިކަން އެބައޮވޭ ސިޔާސީ ކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށްވެސް. އެކަމަކު މިފަހަރު އެ ވާހަކައަށް ނުދާނަން. މާ ވާހަކަ ދިގުވެދާނެ. ކޮލެޖަކުން ސެޓްފިކެޓް ވިއްކަން ލިބެއޭ ނޫނީ ބަޔަކު މީހުން އެސައިންމެންޓް ފައިސާއަށް ހަދައި ކޯސް ނިންމާ ވާހަކައަކީވެސް ދޭތެރެ ދޭތެރެއިން އިވޭ ވާހަކައެއް. އެމްކިއުއޭގެ ގަވައިދުތަކާ އެއްގޮތަށް އަމަލު ނުކުރާ ވާހަކައާ ކޮންޓެކްޓް ގަޑި ހަމަ ނުކުރާ ވާހަކަވެސް އަޑުއިވޭ. މިކަންކަމާ އެމްކިއުއޭއިން ނުރުހޭ ވާހަކަވެސް އެކި ދުވަސްވަރު ނޫސްތަކުން އެބަ ފެނޭ. ފައިސާއަށް އެސައިންމެންޓް ހެދުމަކީ ކުށެއްކަމަށް ކަނޑައެޅިފައި އޮތަސް ތަންފީޒު ނުކުރެވޭކަމަށްވެސް އެބަ ބުނޭ.

މިރާއްޖޭގައި އެންމެ ކޮރަޕްޓް އިންޑަސްޓްރީއަކީ ހަޔަރ އެޑިއުކޭޝަން އިންޑަސްޓްރީ. މުޖުތަމަޢަށް އެންމެ ނޭދެވޭ އަސަރުކުރަނީ ދިވެހި ފިލްމު އިންޑަސްޓްރީއިން އެއްވެސް ކޮންޓްރޯލެއް ނެތި ބޭނުންކުރާ ބަދުއަހުލާގީ ބަސްމަގުން. އެންމެ ބޭއިންސާފު އެއް ތަނަކީ ސުކޫލުގެ މާހައުލު. ގިނަ ޓީޗަރުންނަކީ ވަރަށް ރަނގަޅު ޓީޗަރުން. ކުދިންނަށް އަޅާލާ ބައެއް. ކުދިން ދެކެ ލޯބިވާ ބައެއް. އެހެނަސް، އެކަށީގެންވާ ހުނަރު ނެތް ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭން ހަމަޖެއްސުމުގެ ސަބަބުން ދިމާވާ ވަރަށް ދެރަ ކަންކަން ކުރިން ފާހަގަ މި ކުރީ.

ބެލެނިވެރިން ކުށްވެރިކޮށް ފޭސްބުކްގައި ހުންނަ ޕޯސްޓްތަކަށް ޓީޗަރުން ކޮމެންޓްކޮށް ހަދާ.


ސުކޫލު މާހައުލުގެ ތެރޭގައި ބައެއް ޓީޗަރުން ގުޅިގެން ހިންގާ ކޮރަޕްޝަންވެސް ސުކޫލުތަކުގެ އިދާރާތަކުން ނުވަތަ އެޑިއުކޭޝަނަށް ނުހުއްޓުވޭ. މިސާލަކަށް ކުލާހުގައި ކަބަޑުސެޓް ޖަހަން ޗަންދާ ނަގާފާނެ. އެ ޗަންދާއަށް ވީނުވީއެއް ނޭނގި އަހަރު ނިމިދާނެ. ސުކޫލު ގޯތި ތެރޭގައި ނައިޓް މާކޭޓް ބާއްވާފާނެ. އެތަނުގެ ސްޓޯލްތައް ވިޒާނެތް ގަވާއިދާ ހިލާފަށް އުޅޭ ބަންގާޅު މީހުންނަށް ވިއްކާފާނެ. އަދި އެ ފައިސާއަށް ވީގޮތެއް ދުވަހަކުވެސް ހާމަ ނުކުރާނެ. ސައިކަލް ދޮންނަން ވައުޗަރެއް ދޫކޮށްފާނެ. ބެލެނިވެރިންގެ ތެރެއިން ވައުޗަރު ނުގަންނަ ބެލެނިވެރިންގެ ދަރިން ބާކީކޮށްފާނެ. ރާއްޖޭން ބޭރަށް ސްޓަޑީ ޓްރިޕަކަށް ޑޮލަރުން ފައިސާ ނަގާފާނެ. ދަތިހާލުގައި އުޅޭ ބެލެނިވެރިން ދަރަންޏަށް ވިޔަސް ޑޮލަރު ހޯދައި ދަރިފުޅު އޭގައި ބައިވެރިކުރާނެ. ބައިވެރި ނުކޮށްވެސް ފަރުޖެއްސޭކަށް ނޯވޭ. އެ ފައިސާ ހަރަދުވީ ގޮތް ވައިބާ ގްރޫޕަށް ނުލާނެ. އެއީ އެއްވެސް އިރަކު އެކަމުގައި އުޅޭ ޓީޗަރުން ކުރާނެ ކަމެއް ނޫން. އެކަމަކު ޗަންދާ ނުދޭ ބެލެނިވެރިންގެ ނަން ވައިބާ ގްރޫޕުގައި ލިޔަން ވަގުތުވެސްވޭ.

ރައްޔިތުން ފައިސާއިން މިނިސްޓްރީގެ ބަޖެޓްހަދައި ހަރަދުކުރަމުންދާއިރު، ޓީޗަރުން އިތުރަށް ފައިސާ މި ނަގަނީ ކޮން ހަމައަކުންބާ؟ އަދި އެ ފައިސާއަށް ވާނުވާ ނޭންގުމަކީ އަހަރެމެން މުސްލިމުން ކޮށްގެންވާނެ ކަމެއްވެސް ނޫން. މުދައްރިސުންގެ ތެދުވެރިކަމެއް ނެތް ހިނދު، ދެން ކަންކަން ރަނގަޅު ކުރާނީ ކިހިނެއްބާ؟


ސުކޫލު މާހައުލުގައި ހިނގާ މިފަދަ ނޭދެވޭ ކަންތައްތައް ރަނގަޅުކުރުމާއި، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ފަށަންވެއްޖެ. ކަރިކިއުލަމް އަޕްޑޭޓް ނުކުރާތާ 10 އަހަރުވެއްޖެ. ގްރޭޑް ނުވައެއްދިހައެއްގެ އިސްލާމް މުގައްރާރާ ގްރޭޑް އެގާރަބާރައިގެ މުގައްރަރާ މާބޮޑު ތަފާތެއް ނެތް. ދިވެހި މާއްދާވެސް ހަމަ އެހެން. ގްރޭޑް 8 އަށް ވުރެ ދަށް ގްރޭޑްތަކުގެ ފޮތްތަކުގައި ހުރި ފިލާވަޅުތަކަށްވުރެ މާ ފުންކޮށް މިހާރުގެ ކުދިންނަށް އެނގޭ. އެފޮތްތަކުން އެކުދިންގެ ސިކުނޑި ސްޓިމިއުލޭޓް ނުކުރޭ. މުގައްރަރު އެކަންޏެއްނޫން. ކިޔަވައިދޭ ވައްޓަފާޅިވެސް ބަދަލުކުރަން އެބަޖެހޭ. ކުދިން ޝައުގުވެރިވާނެ ގޮތަކަށް އެކަންކަން ބައްޓަންކުރަންޖެހޭ. އޭރުން ކުދިން ސުކޫލަށްވެސް ދާނެ. ސުކޫލަކީ ކުދިންނަށް ރައްކާތެރި މާހައުލަކަށް ހަދަންޖޭޙޭ. އެ ވާހަކަ ގިނަގިނައިން ދައްކައި މަޝްވަރާކުރަންޖެހޭ. އޭރުން ކުދިން ސުކޫލަށް ދާނެ.

"ސްކޫލަށް ކުދިން ނުދާ ސަބަބު ހޯދަން ދިރާސާއެއް ކޮށްލަބަލަ ނިކަން. އިޖުތިމާއީ ގޮތުން ރައްޔިތުން ތަހައްމަލުކުރާ އެތައް ދައްޗެއް ފަހަރުގައި އެނގިދާނެ." މިއީ މީހަކު ކޮށްފައި އޮތް ކޮމެންޓެއް. މިއީ ކުރަންޖެހޭކަމެއް. މިފަދަ ދިރާސާއެއް އެބަޖެހޭ ހަދަން.


ކުދިން ސުކޫލަށް ނުދަނީ ވޯލްޑްކަޕް ބަލާތީއެއް ނޫން. ބައެއް ކުދިން ފުޓްބޯޅަ ނުބަލައެކޭވެސް ނުން. މުޅި މައްސަލަ އޮއްބާލެވުނީ. ވޯލްޑްކަޕްގެ ކުރީގެ ތަފާސްހިސާބުގެ ވާހަކަވެސް ދެއްކުމެއް ނެތް. އަހަރެމެން ދެން ގަބޫލުކުރަންވީ 8000 ކުދިން ސުކޫލަށް ހާޒިރުނުވީ ވޯލްޑްކަޕް ބަލާތީއޭ. އެހެންވީމާ ވޯލްޑްކަޕް ނިމުނީމާ ރަނގަޅުވާނެތާ. ވޯލްޑްކަޕް ނިމޭކަށް މާގިނަ ދުވަހެއްވެސް ދެން ނެތެއްނު.

އަހަރެންމެންނަށް މި ދިމާވާ މައްސަލަތަކުގެ އަސްލަކީ މިއީ. ކަންކަމުގެ އަސްލު ރަނގަޅަށް ނުބެލުން ނޫނީ ބަލަން ބޭނުން ނުވުން.


ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަންވެއްޖެ. މިކަން ކުރެވޭނެ މަގު ހޯދަންވެސް އެބަޖެހޭ. މިކަންކަމުގައި ޒިންމާވާންޖެހެނީ ބެލެނިވެރިންތޯ ނުވަތަ ޓީޗަރުންތޯ މި ބަހުސް ހުއްޓާލާފައި މި މައްސަލާގެ ހަގީގީ ސަބަބު ހޯދަންވެއްޖެ. ނިޒާމީ އަދި ސަގާފީ މައްސަލަތައް ހުރިކަމަށް ގަބޫލުކޮށްގެން ނޫނީ ހައްލެއް ނުލިބޭނެ. ހުރިހާ ބެލެނިވެރިންނަކީ އިހުމާލުވާ ބައެއް ނޫން. އަދި ހުރިހާ ޓީޗަރުންނަކީވެސް އިހުމާލުވާ ބައެއް ނޫން.





ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad